ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރިއަށްގެންދާއިރު، ކަނޑާއި ވައިގެމަގުން ހޮނިހިރު ދުވަހުވެސް ވެސް ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 2747 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައި ވާއިރު، އެމްއެންޑީއެފް ކޯސްޓްގާޑް ޑައިވަރުން ވަނީ އެލްސީވީ އަޑިޔަށްދިޔަ ސަރަހައްދު ވެސް ޑައިވްކޮށްގެން ބަލާފައި ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައިނުވާ ކަމަށްވެސް އެމްއެންޑިއެފުން ހާމަކުރެއެވެ.
ޖުމްލަ 10 މީހުންނާއެކު ދަތުރުކުރި މި އުޅަނދު އަޑިއަށް ދިޔައިރު، އޭގައި ތިބީ ދެ ދިވެހިންނާއި އަށް ބިދޭސީންނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ އޭގެ ތެރެއިން ދެ ބިދޭސީއެކެވެ. ބާކީ ތިބި އަށް މީހުން ވަނީ ސަލާމަތް ކޮށްފައެވެ.
މި ހާދިސާއިން ސަލާމަތްވި އަށް މީހުން މިހާރު ތިބީ ގާފަރުގެ ގެސްޓު ހައުސްއެއްގައި ކައުންސިލުގެ ބެލުމުގެ ދަށުގައެވެ. އަދި އެމީހުންގެ ހާލު ދަނީ މޮނިޓަރ ކުރަމުންނެވެ.
މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ކަނޑުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އެމްއެންޑީއެފުން ދަނީ މޫސުމަށް ބަލައި، ގެއްލުނު މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.



