ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅުނު ސިފައިން ތަމްރީނުކުރުމަށް ހިންގި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ގިރިފުށީ ޓްރެއިނިން ސެންޓަރުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ. މި ކޯހުން ޖުމްލަ 117 ދަރިވަރުން ދަސްވެނިވެފައިވާއިރު، އޭގެ ތެރޭގައި 22 އަންހެން ދަރިވަރުންނާއި 95 ފިރިހެން ދަރިވަރުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ޙަސަން ރަޝީދު ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވައި، ކޯހުން އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ. ކޯހުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމާއި ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ “ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް” ހާސިލުކުރީ ޕްރައިވެޓް މަހުދީ އަޙްމަދެވެ. މީގެ އިތުރުން ހަށިހެޔޮކަމުން ޕްރައިވެޓް ރިފާ މުޙައްމަދު އެއްވަނަ ހޯދިއިރު، އަމާޒަށް ބަޑިޖެހުމުން އެއްވަނަ ހޯދީ ޕްރައިވެޓް މުޙައްމަދު ޝައުން ނާފިޢުއެވެ. އަދި މަޒުމޫނު ލިޔުމުން އެއްވަނަ ހޯދާފައިވަނީ ޕްރައިވެޓް އަސްލަން އިބްރާހީމް ރަޝީދުއެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2026 މާރިޗު 7 އިން ފެށިގެން ކުރިއަށްގެންދިޔަ މި ކޯހުގައި ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ސިފައިންގެ އިސް އޮފިސަރުންގެ އިތުރުން ދަސްވެނިވި ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.
ސިފައިންގެ އަސާސީ ތަމްރީނު ކޯހަކީ އަލަށް ޚިދުމަތާ ގުޅޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ޢިލްމާއި ހުނަރު އުނގަންނައިދީ، ޤައުމިއްޔަތަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ ހަށިހެޔޮ ސިފައިން ބިނާކުރުމަށް ހިންގޭ މުހިންމު ތަމްރީނެކެވެ. މި ކޯހުގެ މުޅި އެއްވަނަ ޕްލެޓޫނަކަށް ހޮވިފައިވަނީ ޝަހީދު ޢަލީރަސްގެފާނު ކޮމްޕެނީގެ ބްރާވޯ ޕްލެޓޫނެވެ.



