މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް މަސްކިރުވި ދޯނިފަހަރަށް ފައިސާ ދޫކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ނިމިދިޔަ ޖުލައި މަހު މަސްވެރިންނަށް 50 މިލިއަނާ ގާތްކުރާ އަދަދަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހުގެ ތެރޭގައި މަސްކިރުވި ޖުމްލަ 822 ދޯންޏަކަށް 49,759,961 ރުފިޔާ ވަނީ ދޫކޮށްފައެވެ.
ފައިސާ ދޫކުރި ގޮތުގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ދޫކޮށްފައި ވަނީ ކަޅުބިލަމަސް ކިރުވި ދޯނިފަހަރަށެވެ. އެގޮތުން 539 ދޯންޏަކަށް 47.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 10 ކިލޯއިން މަތީގެ ކަންނެލި ކިރުވި 98 ދޯންޏަކަށް 234,100 ރުފިޔާ އަދި 15 ކިލޯއިން މަތީގެ ކަންނެލި ކިރުވި 185 ދޯންޏަކަށް 1.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ ޖޫން މަހު ދޫކުރި 11.3 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މިފްކޯއިން ދަނީ މަސްވެރިންނަށް ފައިސާ ދިނުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރަމުންނެވެ. ސަރުކާރުގެ ސިޔާސަތަކީ މަސްވެރިން ކިރުވާ މަހަށް ވީހާވެސް އަވަހަކަށް ފައިސާ ފޯރުކޮށްދިނުން ކަމަށްވާއިރު، މަސްވެރިންނަށް މަހުގެ ހަމަ އަގު ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާރު މަސް ގަންނަ އަގު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މިފްކޯއިން އިތުރަށް ބުނި ގޮތުގައި، މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ. މި ގެނެވޭ ބަދަލުތަކާއެކު މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ލިބޭނެ އިންތިޒާމުތައް އިތުރަށް ހަރުދަނާވެ، މަސްވެރި އާއިލާތަކަށް ލިބޭ ތާށިކަން ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.



