ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލް ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުންފުޅުވާނަމަ އަވަހަށް އިސްތިއުފާ ދެއްވުމަށް މަޑުއްވަރީ ދާއިރާގެ މެންމަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހު މާމިގިއްޔަށް ވަޑައިގަތުމަށްފަހު، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމު ރައީސް ސާލިހަށް މަރުހަބާ ވިދާޅުވުމަށް ވީއައިޕީ ލައުންޖުގައި ދެޕާޓީގެ އިސް ބައެއް ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލް ބައިވެރިވެ ވަޑައިގަންނަވާ ފޮޓޯތަކެއް ވަނީ މީސް މީޑިއާގައި ދައުރުވެފައެވެ.
މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގެ ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ އެމްއެންޑީއެފާއި މުޅި ގައުމަށްވެސް ފައިދާވާނީ ޝަމާލް ސިޔާސީ ކަންކަމުގައި އުޅުއްވަން ބޭނުންފުޅުވާނަމަ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން ނޫނީ މަގާމުން ވަކިކުރެއްވުން ކަމަށެވެ. އަދި ޗީފް އޮފް ޑިފެންސަކަށް ސިޔާސީ މީހަކު ކަމަކު ނުދާނެ ކަމަށާއި އެހެންކަމަށް ވެއްޖެނަމަ އޭނާ އަމުރު މައުރޫފު ހިންގުމުގައި ބަޔަސްޑް ވާނެ ކަމަށާއި ނޫނީ ޕާޓީގެ މަސްލަހަތު އިސް ކުރާނެ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.