ބ. ކިހާދޫ އާއި ބ. ކުޑަރިކިލުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތައް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން، ލޭންޑް އެންޑް އިނފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި މި މަޝްރޫއުތައް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ނަމަވެސް، މަސައްކަތް ކުރިއަށް ނުގޮސް ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގާތްގަނޑަކަށް 40 މިލިއަން ރުފިޔާއަށް ފެނަކައާ މި މަސައްކަތް ހަވާލުކުރި ނަމަވެސް، އަހަރުތަކެއް ވެގެން ދިޔައިރުވެސް މަސައްކަތް ނިމިފައިވަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ ފެނަކައާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށްފަހު، މިހާރު މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ދެ ރަށުގައިވެސް އާރު.އޯ ޕްލާންޓާއި ފެން ރައްކާކުރާ ތަންތަން އެޅުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފެނަކައިގެ ގާބިލުކަމާ މެދު ސުވާލު އުފައްދަވަމުން މިނިސްޓަރު ވިދާޅުވީ، ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ތަޖުރިބާ އެ ކުންފުނީގައި ނެތް ކަމަށެވެ. އަދި މަސައްކަތުގެ ބޮޑު ބައެއް ތަޖުރިބާ ނެތް ތިންވަނަ ފަރާތްތަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް، މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމު ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވިއެވެ.



