ބެލްޖިއަމް އަދި ވިލާތުގެ އިއްތިހާދު (އީޔޫ) އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ކުރީގެ އެޓާނީ ޖެނެރަލް ފާތިމަތު ދިޔާނާ ސައީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.
ދިޔާނާއަށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދިޔާނާ މި މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާގައި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާގުންނެވެ.
މި މަގާމަށް ދިޔާނާ އައްޔަންކުރައްވާފައި މިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ގީލާ އަލީ، މި އަހަރުގެ ކުރީކޮޅު ކެބިނެޓަށް ގެނައި ބަދަލުތަކާއެކު ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ފާތިމަތު ދިޔާނާ ސައީދަކީ މީގެ ކުރިން ދައުލަތުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެޓާނީ ޖެނެރަލްކަން ކުރެއްވުމުގެ އިތުރުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.
މީގެ އިތުރުން ދިޔާނާ ވަނީ ސާކުގެ ސެކްރެޓަރީ ޖެނެރަލްކަމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ. އޭނާއަކީ ޔުނިވަރސިޓީ އޮފް ޓަސްމޭނިއާ، އޮސާކާ ޔުނިވަރސިޓީ އަދި ޔުނިވަރސިޓީ އޮފް ލެސްޓާއިން ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.



