ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކުރިއަށް އޮތް ކޮންގްރެސްގައި އަތް އުފުލައިގެން ހާމަވާ ގޮތަށް ވޯޓު ނެގުމަކީ އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމެއް ކަމަށް އެ ޕާޓީން ބުނެފިއެވެ. އަންނަ މަހުގެ 15 އިން 18 އަށް ބާއްވާ ކޮންގްރެސްގައި އަތް އުފުލައިގެން ވޯޓުލާން ނިންމީ ވަކި ކޮމިޓީއަކުން ކަމަށް ބުނެ މީޑިއާގައި ފެތުރޭ ވާހަކަތައް އެ ޕާޓީން ވަނީ ދޮގުކޮށްފައެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ޕާޓީގެ ކޮންގްރެސް ނުވަތަ “މަތީ މަޖިލިހުގެ” ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަންޖެހޭ ގޮތް އަސާސީ ގަވާއިދުގެ ހަތްވަނަ ބާބުގައި ވަރަށް ތަފުސީލުކޮށް ބަޔާކޮށްފައިވާނެ ކަމަށެވެ. އެގޮތުން އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ (ހ) ގައި ޕާޓީގެ މަތީ މަޖިލީހުގައި ކަންކަން ފާސްކުރުމަށް ވޯޓުދޭނީ އަތް އުފުލައިގެން ކަމަށް ބުނެފައިވާއިރު، އެ މާއްދާގެ (ށ) ގައި މެންބަރުން އިންތިހާބު ކުރުމަށް ނެގޭނީ ހާމަ ވޯޓެއް ކަމަށް ބަޔާންކޮށްފައިވާކަން އެ ޕާޓީން ފާހަގަކުރެއެވެ.
އެ ޕާޓީން އިތުރަށް ބުނެފައިވަނީ، ކޮންގްރެސްގައި ނައިބު ރައީސުންނާއި ކޮންގްރެސް އަށް މެމްބަރުން އިންތިހާބު ކުރުމަށް ހާމަ ވޯޓު ނެގުމަކީ އަސާސީ ގަވާއިދާ ހިލާފު ކަމެއް ނޫން ކަމަށެވެ. އަދި މިއީ ކޮންގްރެސް ވިލަރެސްކުރާ ކޮމިޓީގެ އަމިއްލަ ނިންމުމެއް ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، މިއީ މިހާތަނަށް ވެސް ޕާޓީގެ މަތީ މަޖިލީހުގެ ބައްދަލުވުންތަކުގައި އަމަލުކުރަމުން އައިސްފައިވާ އުސޫލު ކަމަށް ޕީއެންސީން ބުނެއެވެ.
ޕީއެންސީގެ އަސާސީ ގަވާއިދަކީ ޕާޓީގެ ވެބްސައިޓުގައި ޝާއިއުކޮށް، އާންމުންނަށް ފެންނަން އޮތް ލިޔުމެއްކަން ފާހަގަކުރަމުން އެ ޕާޓީން ވަނީ، ކޮންގްރެސްގެ ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ގަވާއިދާ އެއްގޮތަށް ކަމުގެ ޔަގީންކަން ދީފައެވެ.



