ދިވެހިރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) ގުޅިގެން ބޭއްވި ކުރެހުމާއި ފޮޓޯގްރަފީ މުބާރާތުގެ ވަނަތައް ހޮވައި، އިނާމު ދީފިއެވެ. މި މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ އުފެއްދުންތައް ދައްކާލުމަށް ބާއްވާ “ދި އެގްޒިބިޝަން” މައުރަޒު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢުއެވެ. މި ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރ ހީނާ ވަލީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މުބާރާތުގެ އެކި ގިންތިތަކުން ވަނަވަނައަށް ހޮވުނު ފަންނާނުންނަށް އިނާމު ހަވާލުކޮށްދެއްވީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އާއި ވަޒީރު ހީނާ ވަލީދެވެ. ކުރެހުމުގެ މުބާރާތުން 21 އަހަރުން މަތީގެ ބައިން އެއްވަނަ ޢަލީ ނަޖީބު ހޯދިއިރު، ދެވަނަ ހޯދީ އާއިޝަތު ލިޢުޝާއެވެ. އަދި މި ބައިގެ ތިންވަނަ ވެސް ހާސިލުކުރީ އެއްވަނަ ހޯދި ޢަލީ ނަޖީބެވެ.
ފޮޓޯގްރަފީ މުބާރާތުގެ ނަތީޖާއަށް ބަލާއިރު، އެއްވަނަ މަޤާމު ހާސިލުކުރީ ނައުޝަމް ވަހީދެވެ. މި މުބާރާތުން ދެވަނަ ސިދުރާ އިބްރާހީމް ހޯދިއިރު، ތިންވަނަ މަޤާމު ހާސިލުކުރީ އިބްރާހީމް ޝަހީމެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތަކީ ދިވެހި ފަންނާނުންގެ ހުނަރުވެރިކަން ދައްކާލުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.
މި މުބާރާތްތަކަށް ހުށަހެޅުނު އުފެއްދުންތަކުގެ ތެރެއިން އެންމެ މޮޅު 10 ކުރެހުމާއި 10 ފޮޓޯ ހިމެނޭ “ދި އެގްޒިބިޝަން” މައުރަޒު މިހާރު ވަނީ ނޭޝަނަލް އާޓް ގެލަރީގައި އާންމުންނަށް ހުޅުވާލާފައެވެ.
އޮގަސްޓް 8 ގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ބަލާލެވޭނެއެވެ. އަދި ހުކުރު ދުވަހު މައުރަޒު ހުޅުވާފައި ހުންނާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.



