ކ. ގިރިފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، މިހާތަނަށް 143،000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެމްޓީސީސީން ބުނީ ބިން ހިއްކުމުގެ މަސައްކަތުގެ އިތުރުން، މިހާރު ކުރިއަށްދަނީ ސޭންޑް ބަންޑް ނުވަތަ ވެލި ބަސްތާ ޖެހުމުގެ މަސައްކަތްތައް ކަމަށެވެ.
މިއަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި ބިޔަ މަޝްރޫއަކީ ޖުމްލަ 375،512 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މީގެ އިތުރުން ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2،712 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ގްރޮއިން ޖެހުމުގެ އިތުރުން 101 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލް ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫއުގެ ދަށުން ގިރިފުށީގައި އިތުރު ވަސީލަތްތައް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން 101 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 50 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 144 މީޓަރުގެ ފެނުއަޑީގެ ހިލަތޮއްޓެއް ގާއިމުކުރެވޭނެއެވެ. އަދި ރަށުގެ އުމްރާނީ ތަރައްގީއަށްޓަކައި 1،135 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބްރިޖެއް ބިނާކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.
ގިރިފުށްޓަކީ ދިވެހި އަސްކަރިއްޔާގެ ތަމްރީނުތަކާއި ކެޑޭޓް ކޯޕްގެ ކޭމްޕްތަކަށް ހާއްސަކޮށްފައިވާ ރަށަކަށްވާއިރު، މި މަޝްރޫއު ނިމުމުން އެމްއެންޑީއެފްގެ ތަމްރީނުތައް މިހާރަށްވުރެ ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް އެމްޓީސީސީން ގަބޫލުކުރެއެވެ. މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 182.79 މިލިއަން ރުފިޔާ ހަރަދުކޮށްގެން، އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.



