ދިވެހިރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމާއިން ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ އެސްޓްރާޒެނެކާއާއެކު މަސައްކަތް ފަށައިފިއެވެ.
މި ދެ ކުންފުނީގެ މެދުގައި ދާދި ފަހުން ބޭއްވުނު ބައްދަލުވުމެއްގައި ވަނީ ރާއްޖެއަށް ބޭސް ސަޕްލައި ކުރުން ހަރުދަނާކުރުމާއި، ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ދިގު މުއްދަތުގެ ބައިވެރިވުމެއް ގާއިމުކުރުމާއި، ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް އިސްކަންދޭންޖެހޭ ދާއިރާތަކާ ގުޅޭގޮތުންވެސް ދެ ފަރާތުން ވަނީ ހިޔާލު ބަދަލުކޮށްފައެވެ.
ސްޓޭޓް ފާމާއިން ބުނި ގޮތުގައި މި މަސައްކަތަކީ ދުނިޔޭގެ ކުރިއަރާފައިވާ ބޭސް އުފައްދާ ކުންފުނިތަކާ ގުޅިގެން، ފެންވަރު ރަނގަޅު ބޭސް މެދުނުކެނޑި ރާއްޖެއިން ލިބޭނެ ގޮތް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި ފަދަ ބައިނަލްއަގުވާމީ ކުންފުނިތަކާއެކު މަސައްކަތް ކުރުމުން ރާއްޖޭގެ ބޭސް ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.
މީގެ އިތުރުން، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ބޭސް ރައްކާކުރާ ގުދަންތަކެއް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ސްޓޭޓް ފާމާއިން ވަނީ ހާމަކޮށްފައެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ބޭސް ފޯރުކޮށްދިނުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ.



