ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަނެ، ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ރައީސްގެ ލީޑަރޝިޕަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފިއެވެ.
އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު ރާއްޖެ އޮތީ މާލީ ގޮތުން ވަރަށް ބޮޑު ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި ބައެއް އިދިކޮޅު ފަރާތްތަކުން ރާއްޖެ ބަނގުރޫޓުވާނެ ކަމަށް އޭރު ލަފާކުރަމުން ދިޔަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް ކުރީ ސަރުކާރުތަކުން އުފެއްދި ބޮޑު ދަރަނި ދައްކަމުން ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަވަމުން ރާއްޖެ އަލުން ނަގާ ކޮޅަށް ޖެއްސެވީ ރައީސްގެ ހަރުދަނާ ލީޑާޝިޕްގެ ދަށުން ކަމުގައި ވިދާޅުވި އެވެ.
ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވަނީ ކުރީގެ ދަރަނިތައް ދައްކަމުން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ހަރުދަނާ ލީޑަރޝިޕާއި، ޤައުމަށްޓަކައި ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅުގެ ނަތީޖާ ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަތަކާއި އެކި ގޮންޖެހުންތަކާއެކުވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެޔޮ ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޕީއެންސީގެ މެންބަރުންނަށް ގޮވާލައްވައި، ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އޭނާ ބާރުއެޅުއްވިއެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ޢަބްދުއްރަޙީމް ތުހުމަތު ކުރެއްވީ، އެ ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އަދި ސިޔާސީ ގޮތުން ދެކެވޭ ވާހަކަތަކުގެ ޙަޤީޤަތް ރަނގަޅަށް ވަޒަންކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ.



