ތަކެތީގެ އަގު ބޮޑުކަމަށް ވިދާޅުވެ ރައީސް ނަޝީދު ނިކުންނެވިއިރު މިއަދު މިއޮއް ޙާލަތު މެދުވެރިވީ އެމްޑީޕީ ސަރުކާރުން ބެލުމެއްނެތި ޗާޕުކުރި ފައިސާގެ ސަބަބުން ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ބޭއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ ރައްޔިތުންނަށް ބޭނުންވާ ހައްލުތައް ހޯދައިދިނުމަށް އެމްޑީޕީއަށް އޮތް ގާބިލުކަމާ މެދު ސުވާލު އުފައްދަވާފައެވެ. ވަކިން ހާއްސަކޮށް، މާލޭގެ ކުނީގެ މައްސަލަ ހައްލުކުރުމުގައި އެ ޕާޓީ ނުކުޅެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ ކުނި ގޮނޑުތައް ފުރި ބާރުވެ، ކުނި ނައްތާލުމުގައި މީގެ ކުރިން ކުރިމަތިވި ދަތިތަކަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ، އޭރު އެފަދަ މައްސަލަތައް ހައްލުނުކުރެވުނު ބަޔަކު މިހާރުގެ ގޮންޖެހުންތަކަށް ފާޑުކިޔުމުގެ ޖާގައެއް ނެތް ކަމަށެވެ.
މިނިސްޓަރު ޝިޔާމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްގީގެ އެޖެންޑާއަށް އެއްބާރުލުން ދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ސިޔާސީ ހަމަޖެހުމާއި، އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާއި، ބޯހިޔާވަހިކަމުގެ އިތުރުން އެއާޕޯޓް ތަރައްގީކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.



