މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ވޭތުވެދިޔަ އަހަރު އެންމެ ގިނައިން ޓެކްސް ދެއްކި 19 ފަރާތަކަށް، އެ އިދާރާގެ ‘ރަންލާރި އެވޯޑް’ އަރުވައިފިއެވެ. މި އެވޯޑްތައް ހަވާލުކޮށްފައިވަނީ މީރާގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
2023 ވަނަ އަހަރުގެ ޓެކްސް އަހަރުގައި ދައްކާފައިވާ ފައިސާއަށް ބަލައި ހޮވި މި ފަރާތްތަކަށް އެވޯޑް ދީފައިވަނީ ޖުމްލަ 12 ކެޓެގަރީއަކުންނެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ހަސަން ޒަރީރު ވަނީ އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.
އިންޑިވިޖުއަލް އިންކަމް ޓެކްސްގެ ކެޓެގަރީން މި އެވޯޑް ހާސިލްކުރެއްވީ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އެވެ. މީގެ އިތުރުން ޖީއެސްޓީ، ގްރީން ޓެކްސް އަދި އިންކަމް ޓެކްސްގެ އެކި ދާއިރާތަކުން ބޮޑެތި ވިޔަފާރިތަކަކަށް ވަނީ އެވޯޑް ލިބިފައެވެ.
އެވޯޑް ލިބުނު ކުންފުނިތަކުގެ ތެރޭގައި ވެލާ ޕްރައިވެޓް އައިލެންޑް، ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ވޮލްޑޯފް އެސްޓޯރިއާ އިތާފުށި، ހުޅުލެ އައިލެންޑް ހޮޓެލް، ޓްރާންސް މޯލްޑިވިއަން އެއަރވޭސް އަދި ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުނި ހިމެނެއެވެ. ބޭންކިންގް ދާއިރާއިން އެންމެ ގިނަ އިންކަމް ޓެކްސް ދެއްކި ފަރާތަކަށް ބޭންކް އޮފް މޯލްޑިވްސް ހޮވުނުއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެވޯޑް ހާސިލްކުރީ ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އެވެ.
އާމްދަނީ 200 މިލިއަން ރުފިޔާއަށްވުރެ މަތީގެ ކުންފުނިތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސްއަށް އެވޯޑް ލިބުނުއިރު، އެއާޕޯޓް ޓެކްސް އަދި ފީގެ ކެޓެގަރީން އެވޯޑް ހާސިލްކުރީ އިއްތިހާދު އެއަރވޭސްއެވެ. މީރާއިން ބުނި ގޮތުގައި މި ފަރާތްތައް ހޮވާފައިވަނީ އާންމުކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް ބަލައިގެންނެވެ. ނަމަވެސް، އެވޯޑް ލިބުނު ފަރާތްތަކުން ދެއްކި ފައިސާގެ އަދަދު މީރާއިން ހާމައެއް ނުކުރެއެވެ.



