މިދިޔަ ހަފުތާގައި “ފްރެންޑް 4” ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް، ރާއްޖޭގެ އަވަށްޓެރި އަދި އެކުވެރި ގައުމުތަކުގައި ދިވެހި ސަރުކާރުން އެދިއްޖެއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކުރި ގޮތުގައި، މިހާރު ކުރިއަށްދާ ހޯދުމުގެ އޮޕަރޭޝަނަށް އެހީތެރިކަން ހޯދުމަށްޓަކައި ރާއްޖެއާ ގާތް ގުޅުމެއް ބާއްވާ ގައުމުތަކާއެކު ދަނީ މަޝްވަރާ ކުރަމުންނެވެ. މި މަސައްކަތަކީ މިވަގުތު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި މި ދޯނި އަޑިއަށް ދިޔަ އިރު އޭގައި ޖުމްލަ އަށް މީހުން ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، ސަލާމަތް ކުރުމުގެ މަސައްކަތުގެ ތެރޭގައި ސިފައިންގެ މީހަކާއި، ފުލުހަކާއި ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ސާޖަންޓް އަލީ ނާފިއު އާއި، އެމްއެންޑީއެފް ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދު އަދި ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން އެވެ. މި މީހުން ހޯދުމަށްޓަކައި މިހާރުވެސް ޑްރޯން އާއި ވައިގެ މަގުން އެ ސަރަހައްދު ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން މި ތިން މީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އާންމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާއިރު، ގިނަ ބަޔަކު ދަނީ އެ މީހުން ސަލާމަތުން ފެނުމަށް އެދި ހެޔޮ ދުއާ ކުރަމުންނެވެ.



