އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އާ ދެމެދު ދިރާސާކުރުމަށާއި އިލްމީ މަހާސިންތާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިއަދު ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމަކީ “ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރު” ގެ މައްޗަށް ޚާއްސަ ދިރާސާއެއް ހެދުމަށް ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރުގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ. އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމްއެވެ.
މީގެ އިތުރުން، އައިޔޫއެމް އިން އިންތިޒާމުކުރާ “ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ” ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އިސްލާމީ ވަޤްފު ފަންޑު ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުކާއު ޢަބްދުލް ޙަކީމް ސޮއިކުރެއްވިއިރު، ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ވިސާލް މޫސާއެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ އިޖުތިމާއީ އަދި އިލްމީ ދާއިރާއިން އިތުރު ކުރިއެރުންތަކެއް ލިބި، ދިރާސާގެ އަލީގައި މުހިއްމު މަޢުލޫމާތުތަކެއް ހާމަވެގެންދާނެ ކަމަށް ބެލެވެއެވެ.



