ސިޔާސަތުތައް އެކުލަވައިލުމާއި ގައުމީ ފެންވަރުގައި ނިންމާ ނިންމުންތަކުގައި އަންހެނުން ބައިވެރިވުން އިތުރުކުރުމަށްޓަކައި، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން “ނޭޝަނަލް ވިމެންސް ޕޮލިސީ ޕްލެޓްފޯމް” އިފްތިތާޙުކޮށްފިއެވެ.
މި ޕްލެޓްފޯމް ތައާރަފުކޮށްފައިވަނީ ރާއްޖޭގެ ރަށްތަކާއި ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންނާއި މަންދޫބުން ބައިވެރިވި އޮންލައިން ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގެ ބައިވެރިންނަށް ޖެންޑާއާ ގުޅޭ ކޮންސެޕްޓް ތަކާއި، މުހިންމު ގާނޫނުތަކާއި، އަންހެނުންގެ ލާބަޔާއި ދަރަޖައަށް އަސަރުކުރާ ގައުމީ މައްސަލަތަކާ ބެހޭ މައުލޫމާތު ވަނީ ދީފައެވެ.
އިޖުތިމާއީ އަދާލަތާއި ރައްކާތެރިކަމާ ގުޅޭ މަޝްވަރާތަކުގައި އަންހެނުންގެ އަޑަށް އިސްކަންދިނުމަށްޓަކައި އިންތިޒާމެއް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު، މި މަޝްރޫއުގެ ސަބަބުން ފުރިހަމަވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ޕްލެޓްފޯމުގެ މަގުސަދަކީ ރަށްރަށާއި، އަތޮޅުތަކާއި، ސިޓީތަކުގެ ފެންވަރުގައި ހުރި ކަންބޮޑުވުންތައް އެއްކޮށް، ގައުމީ ސިޔާސަތުތަކާއި އުސޫލީ ތަރައްގީގެ ރޭވުންތަކުގައި ހިމެނުމަށްޓަކައި “އެނުއަލް ވިމެންސް ޕޮލިސީ އެޖެންޑާ” އެއް އެކުލަވައިލުމެވެ.
މި އިންތިޒާމުގެ ދަށުން، އޭޑަބްލިއުޑީސީގެ މަންދޫބުން ހިމެނޭގޮތަށް “އަތޮޅު/ސިޓީ ވިމެންސް ޕޮލިސީ ޕްލެޓްފޯމް” ތައް އެކުލަވައިލެވޭނެއެވެ. އަދި އަތޮޅުތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، ސިވިލް ސޮސައިޓީ ޖަމްއިއްޔާތަކުގެ މަންދޫބުން ހިމެނޭ “ނޭޝަނަލް ވިމެންސް ޕޮލިސީ ޕްލެޓްފޯމް” އެއްވެސް އުފެއްދޭނެއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ، މި އިސްނެގުމުގެ މަގުސަދަކީ ޖެންޑާ ހަމަހަމަކަމަށް އިސްކަންދެމުން، އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ސިޔާސަތުތައް އެކުލަވައިލުމާ ގުޅުވައިދޭ، އެންމެންގެ ބައިވެރިވުން ހިމެނޭ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.



