މިއަހަރުގެ މޭ/ޖޫން ގައި ބޭއްވުނު އޭލެވެލް އިމްތިޙާނުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރަން ފަށައިފިއެވެ. މި އިމްތިޙާނުގެ ކޭމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ނަތީޖާ ސްކޫލްތަކުން ދޫކުރަން ފަށާފައިވަނީ މިއަދުގެ މެންދުރު 12:00 އިން ފެށިގެންނެވެ.
އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ބައިވެރިންނަށް ނަތީޖާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ޑިޕާޓްމަންޓް އޮފް ބްލިކް އެގްޒަމިނޭޝަންސް (ޑީ.ޕީ.އީ) އިންނެވެ. އަމިއްލަ ބައިވެރިންނަށް ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 1:30 އަށް އައިޑީކާޑު ހުށަހެޅުމުން ނަތީޖާ ދޫކުރާނެއެވެ.
މިއަހަރުގެ މޭ/ޖޫން އިމްތިޙާނުގައި ރާއްޖެއިން ޖުމްލަ 1,229 ދަރިވަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި މާލެއިން 916 ދަރިވަރުންނާއި، އައްޑޫ ސިޓީ ހިތަދޫއިން 147 ދަރިވަރުން އަދި ފުވައްމުލަކު ސިޓީއިން 27 ދަރިވަރުން ބައިވެރިވިއެވެ.
އަތޮޅުތަކުގެ އެހެން ރަށްރަށަށް ބަލާއިރު، ހއ. އިހަވަންދޫއިން 15 ދަރިވަރުން، ހދ. ކުޅުދުއްފުށިން 11 ދަރިވަރުން، ށ. މިލަންދޫއިން 17 ދަރިވަރުން، ރ. މީދޫއިން 2 ދަރިވަރުން، ބ. އޭދަފުށިން 23 ދަރިވަރުން އަދި ޅ. ނައިފަރުން 14 ދަރިވަރުން އިމްތިޙާނު ފުރިހަމަކޮށްފައިވެއެވެ.
މީގެ އިތުރުން ފ. ނިލަންދޫއިން 12 ދަރިވަރުން، ދ. ކުޑަހުވަދޫއިން 2 ދަރިވަރުން، . ގަމުން 25 ދަރިވަރުން އަދި ގދ. ތިނަދޫއިން 18 ދަރިވަރުން މި އިމްތިޙާނުގައި ބައިވެރިވެފައިވާކަމަށް އިމްތިޙާނާ ބެހޭ އިދާރާއިން މައުލޫމާތުދެއެވެ.



