މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަކީ ސަރުކާރުން އެންމެ އިސް އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ، އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ އެންމެ މުހިންމު މަޝްރޫޢު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
‘ދަ ޕަލްސް’ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިލަފުށީގެ ނިއު ޕޯޓު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފެށުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްދާ މި މަޝްރޫޢަކީ ސަރުކާރުގެ އިޤްތިޞާދީ މުހިންމު ވައުދެކެވެ. ތިލަފުށީގައި ތަރައްޤީކުރާ ޒަމާނީ، މަލްޓިޕާޕަސް ޕޯޓަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފައްތައިގެން، 24 ގަޑިއިރު ޚިދުމަތް ދެވޭގޮތަށް ބިނާކުރެވޭ ތަނެކެވެ.
މި ބަނދަރުގައި ޒަމާނީ ކޮންޓޭނަރ ޓަރމިނަލަކާއި، ކޯލްޑް-ސްޓޯރޭޖް ފެސިލިޓީތަކުގެ އިތުރުން، ބޮންޑެޑް ވެއަރހައުސްތަކާއި ވިޔަފާރިއަށް ބޭނުންވާ ފުރިހަމަ ލޮޖިސްޓިކްސް އިންފްރާސްޓްރަކްޗަރ ޤާއިމުކުރެވިގެންދާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.



