ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށެއްގައި ކައުންސިލް އިދާރާތަކުގެ އާ އިމާރާތްތައް ބިނާކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ‘ދަ ޕަލްސް’ ޕޮޑްކާސްޓުގެ ހަވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމު ވަރުގަދަކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް އިސްކަމެކެވެ. ސަރުކާރާ ހަވާލުވިއިރު، ގިނަ ކައުންސިލްތަކެއް ހިންގަމުންދިޔައީ ޒަމާންވީ، ވެއްޓެން ގާތްވެފައިވާ އަދި އާންމުންނަށް ހިދުމަތް ދިނުމަށް އެކަށީގެންނުވާ ފަދަ ބާ އިމާރާތްތަކެއްގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިހާރުވެސް 55 ރަށެއްގައި ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަންނަ އަހަރުގެ މެދުތެރެއަށް އެ އިމާރާތްތަކުގެ މަސައްކަތް ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން މުވައްޒަފުންގެ މަސައްކަތުގެ މާހައުލަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އަވަސްވެގެންދާނެއެވެ.
އޭގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިތުރު 50 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެ އިމާރާތްތައްވެސް ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަލަށް އިމާރާތްކުރެވޭ ކައުންސިލް އިދާރާތަކަކީ 40 މުވައްޒަފުންނަށް އެކީގައި މަސައްކަތް ކުރެވޭނެ ޖާގައާއެކު، އާންމު ބައްދަލުވުންތައް ބޭއްވޭނެ ހޯލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ހާއްސަ ޖާގައާއި، ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް ދެވޭނެ އިންތިޒާމުތަކާއެކު ތަރައްގީކުރެވޭ ތަންތަނެވެ.



