އިނގިރޭސިވިލާތަށް (ޔޫކޭ) ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ޖަމީލާ ޢަލީ ޚާލިދު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މި ނަންފުޅު އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސަފީރުން މަގާމަށް ޢައްޔަންކުރެވެނީ ކަމާބެހޭ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ފާސްކޮށްގެންނެވެ.
ޔޫކޭގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އިރުތިޝާމް އާދަމް، ފޮރިން މިނިސްޓަރުގެ މަގާމަށް ޢައްޔަންކުރެއްވުމާ ގުޅިގެންނެވެ.
މި މަގާމަށް ހުށަހެޅިފައިވާ ޖަމީލާ ޢަލީ ޚާލިދަކީ ޚާރިޖީ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން ބެލްޖިއަމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާއި، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން ވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ޖަމީލާ ޢަލީ ޚާލިދުގެ ނަންފުޅު ދިރާސާކޮށް ނިންމުމަށްފަހު، އެ ނަންފުޅަށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުން ކުރިއަށްދާނެއެވެ.



