ޖައްވީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާ ހާއްސަ ޕްރޮގްރާމެއް ކަމަށްވާ “މިޝަން ޝަކްތީސެޓް” ގެ ދެވަނަ މަރުހަލާގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު އާމިނަތު ނޯޔާ ސަމީހަށް ލިބިއްޖެއެވެ.
ވިމެން އިން މެނޭޖްމަންޓް އިން އިއުލާންކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމް ކުރިއަށްދާނީ މިއަހަރުގެ އޮގަސްޓް މަހުގެ 23 އިން 31 އަށް އިންޑިއާގެ ނިއުދިއްލީގައެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސެޓެލައިޓް ޓެކްނޮލޮޖީއާއި ސްޕޭސް އިންޖިނިއަރިން ފަދަ ކުރިއަރަމުން އަންނަ ދާއިރާތަކަށް ދިވެހި ޒުވާނުން އަހުލުވެރިވެގެންދާނެ ކަމަށް ވިމް އިން ފާހަގަކުރެއެވެ.
“ސްޕޭސް ކިޑްސް އިންޑިއާ” (ސްޓެމް) އިން އިސްނަގައިގެން ކުރިއަށްގެންދާ މި ބޮޑު ހަރަކާތުގައި 108 ޤައުމަކުން 12،000 އަންހެން ކުދިން ބައިވެރިވެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ސްޓެމް ގެ ދާއިރާތަކުން އަންހެން ކުދިން ކުރިއަށްދިއުމަށް ބާރުއަޅައި ހިތްވަރު ދިނުމެވެ.
މި ޕްރޮގްރާމްގެ ދަށުން ބައިވެރިން ސެޓެލައިޓް ޑިޒައިން ކުރުމާއި އިންޖިނިއަރިންގެ މުހިންމު މަސައްކަތްތައް ދަސްކުރާނެއެވެ. އަދި މިއީ ދިގު ރާސްތާގެ ޕްރޮޖެކްޓެއް ކަމަށްވާއިރު، މި ޕްރޮޖެކްޓްގެ ދަށުން ހަނދުގެ އޯބިޓަށް ސެޓެލައިޓެއް ފޮނުވުމަށްވެސް ވަނީ ރޭވިފައެވެ.
ނޯޔާ ވަނީ މިހާރު މި ޕްރޮގްރާމްގެ ފުރަތަމަ އޮންލައިން މަރުހަލާ ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި އޯބިޓަލް މެކޭނިކްސް އަދި ސެޓެލައިޓް ޕްރޮޕަލްޝަން ފަދަ މުހިންމު ބައިތައް ހިމެނެއެވެ. އަދި ނިއުދިއްލީގައި ބާއްވާ ދެވަނަ މަރުހަލާގައި، ސެޓެލައިޓާ ގުޅޭ އަމަލީ ތަމްރީނާއި ތަޖުރިބާ ބައިވެރިންނަށް ލިބިގެންދާނެއެވެ.



