ސަރުކާރުން ބޭރުގެ ދަރަނިތައް މެދުކެނޑުމެއްނެތި އަދާކުރަމުން ދިއުމުގެ ސަބަބުން، ރާއްޖެއާމެދު އިންވެސްޓަރުންގެ އިތުބާރު ބޮޑުވެ، ރަނގަޅު އިންވެސްޓްމަންޓް ފުރުސަތުތައް ފަހިވަމުންދާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދަރަންޏާ ގުޅޭގޮތުން އެކި ކަންބޮޑުވުންތައް ހުރި ނަމަވެސް، ސަރުކާރުން އަންނަނީ ލޯނުތަކާއި ފައިނޭންސިންގ އިލްތިޒާމުތައް ފުރިހަމައަށް އަދާކުރަމުން ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި އަހަރުގެ އޭޕްރީލް 2 ވަނަ ދުވަހު ވަނީ 524 މިލިއަން ޑޮލަރުގެ ސުކޫކް އަދާކޮށްފައެވެ. އަދި އޭޕްރީލް 23 ވަނަ ދުވަހު އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ވެސް ސަރުކާރުން ވަނީ އަނބުރާ ދައްކާފައެވެ.
މިފަދަ ބޮޑެތި ދަރަނިތައް އަދާކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި ކްރެޑިޓް އައުޓްލުކަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، އިންވެސްޓަރުންގެ މެދުގައި ރާއްޖެއާމެދު އޮތް ޝައުގުވެރިކަމާއި އިތުބާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވަޒީރު ޒަރީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސަރުކާރުން ދަރަނި އަދާކުރަމުން ދަނީ ދައުލަތުގެ އެއްވެސް މުދަލެއް ނުވިއްކައި ކަމަށާއި، މީގެ ކުރިން ރަހުނުކޮށްފައިވާ ދައުލަތުގެ މުދާތައް އަނބުރާ ހޯދުމަށް ވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.



