ދިވެހިރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ދޫކުރެވޭ މޯބައިލް ސިމް ކާޑުގެ އަދަދު އެންމެ ސިމް ކާޑަކަށް ލިމިޓްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މި ނިންމުމަކީ ސިމް ކާޑުތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި އެކި ކަހަލަ ސްކޭމްތައް ހުއްޓުވުމަށްޓަކައި މޮނިޓަރިންގ ވަރުގަދަކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރި ގޮތުގައި، ބިދޭސީންނަށް އިތުރު ސިމް ކާޑެއް ދޫކުރެވޭނީ ސިމް ކާޑު ހަލާކުވުން ނުވަތަ ގެއްލުން ފަދަ ޚާއްސަ ހާލަތްތަކުގައި، ފުލުހުންގެ ކްލިއަރެންސެއް ލިބިގެންނެވެ. މީގެ އިތުރުން ޖަލުތަކަށް ޤަވާއިދާ ޚިލާފަށް ވައްދާ ސިމް ކާޑުތައް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާ މެދު ޤާނޫނީ އަދި އިދާރީ ގޮތުން ހަރުކަށި ފިޔަވަޅުތައް އެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.
މި ފިޔަވަޅުތަކަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ. އޭގެ ތެރޭގައި ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމާއި، ޤަވާއިދަށް ފެއްތުމުގެ މަސައްކަތުގެ އިތުރުން ޤަވާއިދާ ޚިލާފަށް އުޅޭ ފަރާތްތައް ޑީޕޯޓްކުރުމުގެ މަސައްކަތްތައް ވެސް ދަނީ ކުރެވެމުންނެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ އާބާދީ 590,079 ގައި ހުރިއިރު، އޭގެ ތެރޭގައި 196,024 ބިދޭސީ މަސައްކަތްތެރިން ހިމެނެއެވެ. އަދި މި ބިދޭސީ އާބާދީގެ 89 އިންސައްތައަކީ ފިރިހެނުންނެވެ.



