ކަސްޓަމްސް ކްލިއަރެންސްގެ މަސައްކަތްތައް އަވަސްކޮށް، ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމުގެ ގޮތުން މުދާ އެތެރެވުމުގެ ކުރިން މުދަލުގެ މައުލޫމާތު ހިއްސާކުރުމާ ގުޅޭގޮތުން ދެކުނު އޭޝިއާގެ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސާސެކް) ގެ 4 ގައުމެއްގެ ދެމެދުގައި މެމޮރެންޑަމް އޮފް އިންޓެންޓް (އެމްއޯއައި) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހިރާއްޖެ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލްގެ މެދުގައެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޮގަސްޓް 19 އިން 20 އަށް މާލޭގައި ކުރިއަށްދިޔަ ސާސެކް ކަސްޓަމްސް ގްރޫޕުގެ 14 ވަނަ ބައްދަލުވުމުގެ ތެރެއިން، ބުދަ ދުވަހުއެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ.
މި ރަސްމިއްޔާތު މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ, ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާންގެ އިތުރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ޕްރިންސިޕަލް ރީޖަނަލް ކޯޕަރޭޝަން ސްޕެޝަލިސްޓް ފޯ ސައުތު އޭޝިއާ ޑރ. ޔުރެންދްރަ ބަސްނެޓް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ މުދާ މަންޒިލަށް ވާސިލުވުމުގެ ކުރިން، ކަސްޓަމްސް އިދާރާތަކަށް ޝިޕްމަންޓްތަކުގެ މައުލޫމާތު ކުރިއާލާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މީގެ ސަބަބުން މުދާ ބަލައި ފާސްކުރުމަށާއި، ކްލިއަރެންސްގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ކަސްޓަމްސްއަށް އިތުރު ވަގުތު ލިބިގެންދާނެއެވެ.
މީގެއިތުރުން، މި އެއްބަސްވުމުގެ ސަބަބުން މި ހަތަރު ގައުމުގެ ކަސްޓަމްސް އިދާރާތަކުގެ މެދުގައި އޮންނަ ގުޅުމާއި ކޮންޓްރޯލް ވަރުގަދަވެގެންދާނެއެވެ. އަދި މުދާ ކްލިއަރކުރުމުގައި ދިމާވާ ލަސްތަކާއި ލޮޖިސްޓިކްސް ޚަރަދުތައް ކުޑަވެ، ސަޕްލައި ޗެއިންގެ ރައްކާތެރިކަން އިތުރުވެ، ދެކުނު އޭޝިއާ ސަރަހައްދުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެއެވެ.



