މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް މާލީ ބާރުވެރިކަން ހޯދައިދިނުމުގެ ގޮތުން 278 މިލިއަން ރުފިޔާގެ ‘އާރުވެރި މެޗިންގ ގްރާންޓް’ ސްކީމް ސަރުކާރުން ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ހިންގާ މި ސްކީމް އިފްތިތާހުކޮށްދެއްވީ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމެވެ.
މި ސްކީމުގެ ދަށުން ފާސްކުރެވޭ މަޝްރޫއުތަކަށް ބޭނުންވާ ފައިސާގެ 40 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެހީ ދޫކުރުމަށް ހަމަޖެހިފައިވަނީ މަސްވެރިކަމުގެ ދާއިރާގެ އިސްކަންދެވޭ 7 ދާއިރާއަކަށް ބަހާލައިގެންނެވެ.
މި ސްކީމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުގައި ހަކަތައިގެ އިސްރާފު ކުޑަކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުންތެރިކަން އިތުރުކުރުމުގެ އުސޫލުތައް ކުރިއެރުވުން ހިމެނެއެވެ. މީގެއިތުރުން، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް މި ސްކީމުގެ މުހިންމު ބޭނުމެކެވެ.
އިސްކަންދެވޭ އެހެނިހެން ދާއިރާތަކުގެ ތެރޭގައި މެރިކަލްޗަރ ތަރައްގީކުރުމާއި، މަހުގެ އުފެއްދުންތަކަށް އަގުއެއްކޮށްގެން އުފައްދާ މިންވަރު އިތުރުކުރުމުގެ އިތުރުން، އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ. މި ގްރާންޓް ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަސޭހަކޮށްދިނުމުގެ ގޮތުން ޚާއްސަ އޮންލައިން ޕޯޓަލެއް ވެސް މިހާރު ވަނީ ތައާރަފުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތައް ބާރުވެރިކުރުވުމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެ، މުޅި ރާއްޖޭގެ މަސްވެރިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވާފައެވެ.
އާރުވެރި މެޗިންގ ގްރާންޓަކީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން ތަންފީޒުކުރާ ސްކީމެކެވެ. ޖުމްލަ 64.8 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކާއެކު ހިންގާ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2023 އިން ފެށިގެން 2030 ވަނަ އަހަރުގެ ނިޔަލަށެވެ.



