ކުރިއަށް އޮތް އަހަރުތަކުގައި މޯލްޑިވްސް އާއި ބަންގްލަދޭޝްގެ ދެގައުމުގެ އެއްބާރުލުން ވަރުގަދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ، ބަންގްލަދޭޝްގެ ރައީސް ކަމަށް މިރުޒާ ފަޚުރުލް އިސްލާމް އަލަމްގީރަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވީ 35 އަހަރުގެ ތެރޭގައި އެ ޤައުމުގައި ވާދަވެރިކޮށް ބޭއްވުނު ފުރަތަމަ ރިޔާސީ ވޯޓަށް ފަހު ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮނުއްވި ސިޓީއެއްގަ އެވެ.
ރައީސް މުއިއްޒު ވަނީ ބަންގްލަދޭޝްގެ ޑިމޮކްރެޓިކް ދަތުރުގެ މުހިންމު ކުރިއެރުމެއްގެ ގޮތުގައި މި އިންތިހާބު ސިފަކުރައްވައި، ވޯޓުގެ ތެރެއިން މިރްޒާ ފަޚުރުލަށް ލިބިފައިވާ އިތުބާރު ފާހަގަކުރައްވާފައެވެ.
ރައީސް މުއިއްޒު އިތުރަށް ވަނީ ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ޒަމާނުއްސުރެ އޮތް ގުޅުމުގެ އިތުރުން ސަރަހައްދީ ހަމަޖެހުމާއި ތަރައްގީގައި ދެގައުމުގެ ހިއްސާވާ މަސްލަހަތުތަކަށް އަލިއަޅުވާލައްވާފައެވެ.
އަދި ބަންގްލަދޭޝްގެ އާ ރައީސްގެ ވެރިކަމުގައި ދެގައުމުގެ އެއްބާރުލުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.
ރާއްޖެ އާއި ބަންގްލަދޭޝް އިން މިހާރުވެސް ބައެއް ދާއިރާތަކުން އެއްބާރުލުންދޭއިރު، މިރްޒާ ފަޚުރުލްގެ ދައުރުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.



