ބްރިޖް ހައިވޭގައި ލެމްބޯގިނީ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތަކުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ދަ ހޯކްސް ކުންފުނީގެ ސީއީއޯ ޙަސަން ރިފާޢުގެ ޑްރައިވިންގ ލައިސަންސް ފުލުހުން ހިފަހައްޓައިފިއެވެ. މި ހާދިސާ ހިނގި ވަގުތު ކާރުގައި 13 އަހަރުގެ ކުޑަކުއްޖަކުވެސް އިނެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 8:42 ގައެވެ. ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލުން ނެއްޓި، ހައިވޭގެ އަރިމަތީގައި ހުރި ސޯލާ ޕެނަލް ސްޓްރަކްޗަރގައި ޖެހި ވަނީ ފުރޮޅާލާފައެވެ.
މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ތިބީ ބ. ކަމަދޫއަށް ނިސްބަތްވާ ޙަސަން ރިފާޢުގެ އިތުރުން 13 އަހަރުގެ ކުޑަކުއްޖެކެވެ. އެ ދެ މީހުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.
މި ހާދިސާގައި ލެމްބޯގިނީ ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. ފުލުހުން ބުނީ ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތު ނެގުމަށްފަހު، ވެހިކަލްގެ ބައިތައް މިހާރު ކަމާބެހޭ ފަރާތާ ޙަވާލުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓާ ގުޅިގެން ރިފާޢުގެ ލައިސަންސް ހިފަހައްޓާފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.



