ފަލާޙް ޕްރީސްކޫލްގެ 50 ވަނަ އަހަރީ ދުވަސް، ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލާޙް ޕްރީސްކޫލްގެ އައު ވެބްސައިޓް އިފްތިތާޙު ކޮށްދެއްވައި، އެ ސްކޫލަށް 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ. މީގެއިތުރުން، އެ ސްކޫލްގެ ރަންޔޫބީލް ލޯގޯ ފަރުމާކުރި ފަރާތުގެ އަގުވަޒަންކޮށް ޚާއްޞަ ލިޔުމެއްވެސް ވަނީ އަރުވާފައެވެ.
މި ރަސްމިއްޔާތުގައި ފަލާޙް ޕްރީސްކޫލްގެ 50 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ޚާއްޞަ ހަނދާނީ ފިލާ، ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ ފަލާޙް ޕްރީސްކޫލްގެ ޗީފް އެގްޒެކެޓިވް އަލްޤާރީ އަލްޙާފިޡު ޢަބްދުއްސައްތާރު އަބޫބަކުރެވެ. މި ޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި، އިސްވެރިންނާއި، ފަލާޙް ޕްރީސްކޫލްގެ ކުރީގެ އަދި މިހާރުގެ މުވައްޒަފުންނާއި ދަރިވަރުންގެ އިތުރުން ތަޢުލީމީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފަލާޙް ޕްރީސްކޫލަކީ ޖަމްޢިއްޔަތުލް ފަލާޙްގެ ފަރާތުން 1976 ވަނަ އަހަރު ޤާއިމުކުރި މުއައްސަސާއެކެވެ.



