ރާއްޖޭގައި ޑޮލަރުން މުސާރަ ދިނުމާއި، ރާއްޖޭގެ އެތެރޭގައި ޚިދުމަތްތަކަށް ޑޮލަރުން އަގު ނެގުމާއި، އެފަދަ އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއިން ކުރާ ގޮތަށް 2030 ވަނަ އަހަރާ ހަމައަށް ބަދަލުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަމާޒެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގަވަނަރު ވިދާޅުވި ގޮތުގައި ރުފިޔާ ބާރުގަދަކުރުމަށްޓަކައި ޑޮލަރުން މުއާމަލާތްކުރުން ހުއްޓުވުމަކީ މުހިއްމު ކަމެއްކަމަށްވީ ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގައި ޑޮލަރުން ހުރިހާ މުއާމަލާތެއް ކުރެވޭ ގޮަތަށް އޮންނަތާ އެތައް ޒަމާނެއް ވެފައިވާއިރު އެންމެ ރެޔަކާއި ދުވާލުން އެ ނިޒާމު ބަދަލުކުރުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ.
އެހެންނަމަވެސް އެމްއެމްއޭގެ ދުރު ރާސްތާގެ ވިސްނުމަކީ 2030 އާ ހަމައަށް ދާއިރު ރާއްޖޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއަށް ބަދަލުވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ މީގެ ކުރީގެ ގަވަރުނަރުން ވެސް ގެންގުޅުއްވި ވިސްނުންފުޅުކަމަށް މުނައްވަރު ވިދާޅުވިއެވެ.
ހަމައެހެންމެ، ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތަކަށް ރުފިޔާއިން އަގުނަގާ ގޮތަށް ބަދަލުވާއިރު އަންނަންޖެހޭ ބައެއް ބަދަލުތައް ގަވަނަރު ފާހަގަކުރެއްވިއެވެ. އެއިން އެއް ބަދަލަކީ ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ދައުލަތަށް ޑޮލަރުން ދައްކަމުންދާ ޓެކުހާއި ފީއަށް އަންނަންޖެހޭ ބަދަލެވެ.އެ ބަދަލާއެކު އެ ފީތަކާއި ޓެކުސްތައްވެސް ނަގަންޖެހޭނީ ރުފިޔާއިންކަމަށް ގަވަނަރު ވިދާޅުވިއެވެ. އަދި މުސާރަތައް ޑޮލަރުން ދިނުމަށްވެސް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ގަވަނަރު ވިދާޅުވިއެވެ.
އަދި މިފަދަ ބަދަލުތަކެއް ގެނެވިގެން ނޫނީ ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރު ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ގަވަނަރު ވިދާޅުވީ ރާއްޖޭގެ މަނީ ސަޕްލައިގެ ތެރޭގައި ބޭރު ފައިސާވެސް ހިމެނޭ ކަމަށާއި، އަދި ރާއްޖޭގައި ފައިސާ ބޭނުންކުރާ ގޮތަށް ބަލާއިރު މުއާމަލާތްތަކުގައި ބޭރު ފައިސާ ބޭނުންކުރެވޭ މިންވަރު ހުރީ 40 އިންސައްތައަށްވުރެ މަތީގައި ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މެކްރޯ އިކޮނޮމިކް އަދި ބަޖެޓުގެ ސިޔާސަތުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްގެން އިގުތިޞާދު ހަމައަކަށް އަޅުވަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ޑޮލަރުގެ އަގާ ގުޅޭ ގޮތުން ގަވަަނަރު ވިދާޅުވީ ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތަކީ ޑޮލަރުގެ އަގު މެނޭޖް ފްލޯޓަކަށް ދޫކޮށްލުމެވެ. އެއީ ޑޮލަރުގެ އަގު ބާޒާރަށް ދޫކޮށްލުމާއެކު މަރުކަޒީ ބޭންކުން ޑޮލަރުގެ އަގު މެނޭޖުކުރުުމުގެ ނިޒާމެވެ.
ނަމަވެސް އެކަން ކުރުމަށްޓަކައި މަދުވެގެން ތިން މަސް ނުވަތަ ހަތަރު މަސް ދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒާވެއް އެމްއެމްއޭގައި ހުންނަން ޖެހޭނެ ކަމަށާއި، މިހާރު ކަނޑައަޅާފައިވާ އަމާޒުތަކާއެކު ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި އެ މިންވަރަށް ރިޒާވް އިތުރުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ގަވަރުނަރު މުނައްވަރު ވިދާޅުވިއެވެ.



