އައްޑޫ ސިޓީ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ކާނާ ވިހަވެ ފަރުވާދޭން ފަށައިފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި މައްސަލައިގައި ޖުމްލަ 31 ކުއްޖަކު ވަނީ ސިއްހީ ފަރުވާއަށް ގެންގޮސްފައެވެ. އެގޮތުން ފޭދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށް އަދި މަރަދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ހަތް ކުއްޖަކު ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ.
މިކަމާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނީ ކެޑޭޓް ކޭމްޕުގެ ދަރިވަރުންތަކެއް ކާނާ ވިހަވެ ބައެއް ކުދިންގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި މައްސަލަ އެ ކޮމިޝަނުން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އެޗްއާރުސީއެމުން ވަނީ، މި ހާދިސާ ހިނގައިދިޔަ ގޮތް ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލައި ތަޙްޤީޤު ކުރުމަށް ގޮވާލާފައެވެ. އަދި މިފަދަ ކަންކަން ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނޭ ގޮތަށް އިންތިޒާމުތައް ބައްޓަންކޮށް، ކަންކަން ބަލަހައްޓަމުން ގެންދިއުމަށް ކަމާބެހޭ އެންމެހައި އިދާރާތަކަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
މި ހާދިސާގައި ބަލިވެގެން ފަރުވާ ދެމުން އަންނަނީ އެ ސްކޫލުގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންތަކަކަށެވެ.



