ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ޝިއުރީ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝިއުރީ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ ހޯމަ ދުވަހުއެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މަގާމުން ވަކިވެވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.
ޝިއުރީ ވިޒިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވީ 13 ޖޫން 2024 ގައެވެ. އޭނާ މި މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު 22 މެއި 2024 ގައި މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ވިޒިޓް މޯލްޑިވްސްއާ ގުޅިވަޑައިގަތުމުގެ ކުރިން ޝިއުރީ ވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސްކަން ކުރައްވާފައެވެ. އަދި އޭނާ ވަނީ ސަރުކާރުގެ އިތުރުން ތަރައްގީގެ ދާއިރާގެ އެކި މަގާމުތައް ފުރުއްވާފައެވެ.
މީގެ އިތުރުން، ވޯލްޑް ބޭންކުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދިޔަ މީރީ ޕްރޮޖެކްޓުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، ހައްޖު ކޯޕަރޭޝަނާއި މަސީގެ ބޯޑު މެންބަރުކަން ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
ޝިއުރީ ވަނީ މާކެޓިންގެ ދާއިރާއިން ފުރަތަމަ ޑިގްރީ އަދި ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.



