ީ ވޯޓަކީ އެމީހެއްގެ އަދުލުވެރިކަމާއި ގާބިލުކަމުގެ މައްޗަށް ދޭ ހެކިބަހެއްކަމަށާއި، ވޯޓު ދިނުމުގައި އަމާނާތްތެރިވާންޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.
ވޯޓުލާ މީހުންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ޝަކީލް ވިދާޅުވީ، ދިވެހިންނަކީ ސައްތައިންސައްތަ މުސްލިމު ގައުމެއްގެ ބަޔަކަށްވާއިރު މާތްވެގެންވާ އިސްލާމް ދީނުގެ ޢަދުލުވެރި އުސޫލުތަކަށް ނަޒަރު ހިންގާއިރު ވެސް ވޯޓަކީ އަމާނާތެއް ކަމަށެވެ.
އަދި ވޯޓާމެދު ވިސްނަންވީ ގޮތަށް އަލިއަޅުވައިލައްވަމުން ޝަކީލު ވިދާޅުވީ ވޯޓަކީ މީހެއްގެ އަދުލުވެރިކަމާއި އެމީހެއްގެ ގާބިލުކަމުގެ މައްޗަށް ދޭ ހެކިބަހެއް ކަމަށެވެ. އަދި ގައުމުގެ ވެރިކަމަށާއި ރައްޔިތުންގެ މަޖިލީހަށާއި ލޯކަލް ކައުންސިލުތަކަށް މަންދޫބުން އިންތިހާބުކުރުމަށް ދޭ ކޮންމެ ވޯޓަކުން ގައުމުގެ ތަރައްގީއާއި ގާނޫނީ ހަމަހަމަކަމާއި ދައުލަތުގެ މުއައްސަސާތަކުގެ އިސްތިގުރާރާއި ހަމަޖެހުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރުކުރާކަމަށް ޝަކީލު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިއީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ބައެއް ކަމުގައިވާހިނދު، މާތްވެގެންވާ އިސްލާމްދީނުގެ ޢަދުލުވެރި އުސޫލުތަކަށް ނަޒަރު ހިންގާއިރު ވެސް، ވޯޓަކީ އަމާނާތެއް. އަދި އެކަން އަދާކުރުމުގައި އަޅުގަނޑުމެންގެ ހިތްތަކުގައި މާތް ﷲ އަށް ބިރުވެތިވުމާއި، ތެދުވެރިކަމާއި، އިޚްލާޞްތެރިކަން އަބަދުމެ ބާއްވާ،” އިލެކްޝަން ކޮމިޝަނުގެ ރައީސް ޝަކީލް ކުރެއްވި ޕޯސްޓުގައިވެއެވެ
އަދި އެ ޙައްގު އަދާކުރުމުގައި ކޮންމެ ރައްޔިތެއްގެ ވެސް ހިތުގައި މާތް ﷲއަށް ބިރުވެތިވުމާއި، ތެދުވެރިކަމާއި، އިޚްލާސްތެރިކަން ބޭއްވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގައި ކޮންމެ އަހަަރެއްގެ އޯގަސްޓު މަހެއްގެ 25 ވަނަ ދުވަހު ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރާއިރު، މި އަހަރު ވޯޓުލާ މީހުންގެ ދުވަހުގެ ޝިއާރެއްކަމަށް ކަނޑައަޅާފައިވަނީ، “ވޯޓަކީ ހައްގެއް އަދި ޒިންމާއެއް،” މި ޝިއާރެވެ.



