ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ މުސާރަ، އެ މުވައްޒަފެއްގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުން ލާޒިމްވާ ގޮތަށް ވަޒީފާއާ ބެހޭ ގަވާއިދަށް ސަރުކާރުން އިސްލާހު ގެނެސްފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނައި މި ބަދަލާއެކު، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ދޭންވާނީ އެ މީހެއްގެ ނަމުގައި ރާއްޖޭގައި ހިންގާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ބަދަލު ގެނެސްފައިވަނީ އަންގާރަ ދުވަހު ގެޒެޓްކުރި ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގެ ތިންވަނަ އިސްލާހުގެ ދަށުންނެވެ.
އަލަށް ގެނައި އިސްލާހުގައިވާ ގޮތުން، ބިދޭސީ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. މި އުސޫލު ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް ހިނގާނެއެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުސާރަ ސީދާ އެ މުވައްޒަފަކަށް ލިބޭކަން ކަށަވަރުކުރުމެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ އަންގާރަ ދުވަހުން ފެށިގެން 30 ދުވަސް ފަހުން ކަމަށް މިނިސްޓްރީން ބުނެފައިވާއިރު، މި މުއްދަތަކީ ވަޒީފާދޭ ފަރާތްތަކަށާއި މުވައްޒަފުންނަށް މި އާ އުސޫލަށް ތައްޔާރުވުމަށް ދެވުނު މުއްދަތެކެވެ.



