ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށްޓަކައި ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް (ކެބިނެޓަށް) ލިބިދޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި އިސްލާހު ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، ރަށެއް ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިން ވެސް، ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލްތަކުން ދޫކުރަން ޖެހޭނެއެވެ. އަދި އެކަށީގެންވާ ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅުން ކައުންސިލްތަކަށް މި ބިލުގެ ދަށުން މަނާކުރެއެވެ.
މީގެއިތުރުން، ކައުންސިލްތަކުގެ ބާރުގެ ދަށުން ވަކިކުރާ ބިމެއްގައި ކައުންސިލުން ނުވަތަ ތިންވަނަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާނަމަ، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކަށީގެންވާ ބަދަލު ދޭންޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާއި، އެފަދަ މަޝްރޫއުތަކަށް ބޭނުންވާ ބިން ހޯދުމުގެ އިޖުރާއަތްތައް ހަރުދަނާކުރުމެވެ.



