ދެވަނަ އިންޓަރ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސް (އައިއެސްސީ) ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ކެމްބޯޑިއާގެ ވެރިރަށް ފްނޮމް ޕެންއަށް ފުރާވަޑައިގެންފިއެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މި އޮގަސްޓް މަހުގެ 26 އިން 28 ގެ ނިޔަލަށެވެ.
މި ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ “ސުލްޙައާއި ހަމަޖެހުމަށް އެއްބައިވަންތަކަން: ބައިނަލްއަޤްވާމީ ޤާނޫނުތައް ހަރުދަނާކުރުމާއި ސުލްޙަވެރި މަގުތަކުން މައްސަލަތައް ޙައްލުކުރުން” މި މަޢުޟޫޢުގެ މައްޗަށެވެ. މިއީ ޤާނޫނުހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސް ވެރިން އެއްތަންވެ، ސުލްޙަމަސަލަސްކަމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، ދެބަސްވުންތައް ޙައްލުކުރުމާއި އަދި ތަރައްޤީއާ ގުޅުންހުރި ކަންކަމާމެދު މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
މި ދަތުރުފުޅުގައި މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ބައިވެރިވެވަޑައިގަންނަވައެވެ.
މީގެ އިތުރުން، ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކާއި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ވެސް ރާއްޖޭގެ ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.
އައިއެސްސީ ކޮންފަރެންސަކީ ސުލްޙައާއި ބައިނަލްއަޤްވާމީ ޤާނޫނުތައް ބާރުވެރިކުރުވުމަށާއި، ދެބަސްވުންތައް ޙައްލުކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށްޓަކައި ޕާލިމެންޓްރީ ލީޑަރުންގެ މެދުގައި ޚިޔާލު ބަދަލުކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.



