ޓެރަރިޒަމް ސްޕޮންސަރކުރާ ދައުލަތްތަކުގެ ލިސްޓުން ސީރިއާ އުނިކުރުމަށް އެމެރިކާއިން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ. އަދި މި ނިންމުމުގެ ސަބަބުން ސީރިއާ އަލުން އާރާސްތުވުމަށް އެހީތެރިވެދީ، އެ ޤައުމުގެ ރައްޔިތުންގެ ޙާލަތު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ދިވެހިރާއްޖެއިން ވަނީ ބުނެފައެވެ.
މި ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ ސީރިއާގެ ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި އެ ޤައުމުގައި ސުލްޙަމަސަލަސްކަމާއި، ހަމަޖެހުމާއި ތަނަވަސްކަން ޤާއިމުވުމަށް އެދޭކަމަށްވެސް ހާމަކޮށްފައިވެއެވެ.
ދިވެހިރާއްޖެއިން ވަނީ ސީރިއާގެ ސިޔާދަތާއި، މިނިވަންކަމާއި އަދި ސަރަޙައްދީ ނަޒާހަތްތެރިކަމަށް ތާއީދުކުރާ ކަން އަލުން ތަކުރާރުކޮށްފައެވެ.
މީގެ އިތުރުން، ސީރިއާގެ ރައްޔިތުން އިސްވެ ތިބެ، އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް ސުލްޙަވެރި ސިޔާސީ ޙައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުން ގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބަޔާންކޮށްފައެވެ.



