އެންމެ ބޮޑު އިސްކަމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުންނާ މެދު ވިސްނެވުމުގެ ބަދަލުގައި ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ސަރުކާރުން ކުރިއަށް ގެންދިޔަ “ނޭޝަން ޗެޓް” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށްފާނެ ފަރާތްތަކާ މެދު އެއްވެސް ވަރަކަށް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މުޅި ސަމާލުކަން ހުރީ ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަކޮށް، ޤައުމު ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ކަމަށް ވިދާޅުވިއެވެ.
“އެ ބޭފުޅުން ކުރައްވާ ކަންކަމަކަށް އަޅުގަނޑު ވިސްނާކަށްވެސް ނެތިން،” ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމުގައި ދެމިހުންނަވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ޚާރިޖީ ދާއިރާއާއި، އިޖުތިމާޢީ ތަރައްޤީ އަދި ޞިއްޙީ ދާއިރާ ހިމެނޭހެން އެކި ދާއިރާތަކުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރު ކުންފުނިތަކުގެ އޮފިޝަލުން އަދި އާންމު ރައްޔިތުން ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ.



