ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މިފަދައިން ވިދާޅުވީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) ހުޅުވިތާ 8 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.
ބްރިޖަށް 8 އަހަރު ފުރުން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ސިނަމާލެ ބްރިޖަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި، އެއްބައިވަންތަކަމާއި އަދި ދެ ޤައުމުން ހިއްސާކުރާ އުންމީދުތައް ރަމްޒުކޮށްދޭ ބިނާއެއް ކަމަށެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒަޢާމަތުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ފުޅާވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އޭގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް އައު ފުރުޞަތުތައް ފަހިވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ޗައިނާއާއެކު އޮތް އެކުވެރިކަން ދަމަހައްޓައި، އިތުރަށް ވަރުގަދަ ޕާޓްނަޝިޕެއް ބިނާކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލެއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލެ އަދި ހުޅުމާލެ ގުޅުވާލަދިން ސިނަމާލެ ބްރިޖް ރަސްމީކޮށް ހުޅުވާފައިވަނީ 30 އޮގަސްޓު 2018 ގައެވެ. މި ބްރިޖް ވެގެން ގޮސްފައިވަނީ ވެރިރަށް މާލެއާއި، އެއާޕޯޓް އަދި ހުޅުމާލެއާ ދެމެދު ދަތުރުފަތުރުކުރާ ރައްޔިތުންނަށް ނުހަނު މުހިންމު ވަސީލަތަކަށެވެ.
މި އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޝިއާންހުއާ ވަނީ ބްރިޖަށް ޒިޔާރަތްކުރައްވާފައެވެ.



