އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބުމަށާއި، މުޖުތަމައުގައި އިސްލާމީ މަތިވެރި އުސޫލުތަކާއި އަގުތައް ވަރުގަދަކޮށް، އަންނަން އޮތް ޖީލުތަކަށް އެ އަމާނާތް ރައްދުކޮށްދިނުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ. “އިސްލާމްދީނުގައި ސާބިތުވުން” މި މއުޞޫއުއަށް މިއަދު ގެނެސްދިން ޚުތުބާގައި އާއިލާތަކާއި ތައުލީމީ ނިޒާމާއި ގާނޫނުތަކުގެ ޒަރީއާއިން އިސްލާމީ ބިންގާތައް ވަރުގަދަކުރުމަކީ މުޅި މުޖުތަމައުގެ މައްޗަށް އޮތް ވާޖިބެއްކަމަށް ފާހަގަކުރިއެވެ.
އިސްލާމްދީނުގެ ހިދާޔަތަކީ އިންސާނިއްޔަތަށް މިންވަރުކުރެއްވި އެންމެ ބޮޑު ނިއުމަތްކަން ބަޔާންކުރަމުން، ދިވެހިރާއްޖެ އިސްލާމްދީނުގައި ދެމިއޮތް ނުވަ ގަރުނުގެ ތާރީޚަށް ޚުތުބާގައި އަލިއަޅުވާލިއެވެ. ދިވެހި ގައުމު އެއްބައިވަންތަކަމާއި، އެކުވެރިކަމާއި މިނިވަންކަންމަތީ ދެމިއޮތީ އިސްލާމްދީނުގައި ހިފަހައްޓައިގެން ކަމަށާއި، ގައުމުގެ އެއްބައިވަންތަކަން ދެމެހެއްޓޭނީވެސް ދީނުގެ އަސާސްތަކުގައި ވަރުގަދައަށް ހިފަހައްޓައިގެން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އަމިއްލަ ނަފުސާއި އާއިލާއާއި މުޖުތަމައުގައި އިސްލާމީ ރިވެތި އުސޫލުތައް ދެމެހެއްޓުމަކީ ކޮންމެ މުސްލިމެއްގެ ޒިންމާއެއްކަންވެސް ހަނދާންކޮށްދިނެވެ.
ގާނޫނާއި ސިޔާސަތު އަދި ތައުލީމީ ނިޒާމުގައި އިސްލާމީ އުސޫލުތައް
ރާއްޖޭގައި އިސްލާމީ އަސާސްތައް ރައްކާތެރިކުރުމަށްޓަކައި ގާނޫނީ، ސިޔާސީ، އަދި ތައުލީމީ ދާއިރާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޚުތުބާގައި ގޮވާލިއެވެ. އެގޮތުން ގާނޫނުތައް އިސްލާމީ ޝަރީއަތާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލުމަށާއި، ޖިނާއީ، އާއިލީ އަދި މާލީ ކަންކަމުގައި ޝަރުއީ ހުކުމްތައް ތަންފީޒުވާނޭހެން ޝަރުއީ ނިޒާމު ބައްޓަންކުރުމަށް ގޮވާލިއެވެ. މީގެއިތުރުން، ސިޔާސީ މެނިފެސްޓޯތަކުގައި އިސްލާމީ މަގުސަދުތައް ރައްކާތެރިކުރުމަށް އިސްކަންދިނުމަށާއި، ސްކޫލް މަންހަޖުތައް އިސްލާމީ އަގީދާއަށް ބިނާކޮށް އެކުލަވާލުމުގެ މުހިންމުކަން ފާހަގަކުރިއެވެ.
އިސްލާމީ މަރުކަޒުތަކާއި، މިސްކިތްތަކާއި، ކުތުބުޚާނާތަކުގެ އިތުރުން ގުރުއާން ކިޔަވައިދޭ މަރުކަޒުތަކާއި އިސްލާމީ ކޮލެޖުތަކާއި ޔުނިވަރސިޓީތައް ފުޅާކުރުމަށްވެސް ޚުތުބާގައި ބާރުއެޅިއެވެ. އަދި ހަމައެއާއެކު ހާފިޒުންނާއި އިމާމުން ތަމްރީނުކުރުމުގެ ފުރުސަތުތައް އިތުރުކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރިއެވެ.
ހައްދުފަހަނައެޅުމާއި ބައިބައިވުމުން ދުރުވުން
ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް މަނާކުރުމުގެ އިޖުތިމާއީ ޒިންމާ އަދާކުރަންވާނީ އިސްލާމްދީނުގައި އަންގަވާފައިވާ މަޑުމައިތިރިކަމާއި އޯގާތެރިކަމާއެކު ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ. އެއްވެސް ހެއްކެއް ނެތި މީސްތަކުން ކާފަރުކުރުމާއި، ޓެރަރިޒަމަށް ވާގިވެރިވުމާއި، މުޖުތަމައުގައި ފިތުނައާއި ރުޅިވެރިކަން އުފެދޭ ފަދަ ހައްދުފަހަނައެޅި އަމަލުތަކުން ދުރުހެލިވުމަށް ގޮވާލިއެވެ..
މުސްލިމުންގެ މެދުގައި އެކުވެރިކަން ގާއިމުކުރުމަށާއި، އިސްލާމީ ގިއުގަނޑުގެ ތެރޭގައި ޖަމާއަތުގައި ނަމާދު ގާއިމުކުރުމަށް ބާރުއަޅަމުން، މުސްކުޅިންނަށް އިހުތިރާމްކުރުމާއި، ކުޑަކުދިންނަށް އޯގާތެރިވުމާއި، ދޭދޭ މީހުންގެ މެދުގައި ރިވެތި އަޚުލާގު އިސްކުރުމަށް އިލްތިމާސްކުރިއެވެ. އަދި ދަރިންނަށް ﷲ އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވާން ދަސްކޮށްދީ، ނަމާދާއި ދީނުގެ ރުކުންތަކަށް އަހުލުވެރިކޮށްގެން ރަނގަޅު ޖީލެއް ބިނާކުރުމަކީ އާއިލާތަކުގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމުގައި ޚުތުބާގައި ނިންމާލަމުން ބަޔާންކުރިއެވެ.



