ހުޅުމާލޭގައި އިމާރާތްކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތަށް، ރާއްޖެ އިސްލާމްވި ފުރަތަމަ ރަސްގެފާނު ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ ގެ ނަންފުޅު ދެއްވަން ނިންމަވައިފިއެވެ.
މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. މި ނިންމެވުން އިއުލާނުކުރައްވާފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުމަށް ހަމަޖެހިފައިވަނިކޮށެވެ. މި މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން އިއްޔެ ވަނީ ސައޫދީ އަރަބިއްޔާގެ އަލް ރާޖިހީ ކުންފުންޏާ ހަވާލުކޮށްފައެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ހުޅުމާލޭގައި ބޮޑު މިސްކިތެއް ބިނާކުރުމަކީ ދިވެހިންގެ ވަރަށް ދުވަސްވީ އުންމީދެއް ކަމަށާއި، ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ ގެ ނަންފުޅު އެ މިސްކިތަށް ދިނުމަކީ ރާއްޖޭގެ އިސްލާމީ ތާރީޚަށް ލިބޭ ޝަރަފެއް ކަމަށެވެ. އަދި މި މިސްކިތަކީ ހަމައެކަނި އަޅުކަންކުރާ ތަނެއްގެ އިތުރުން ތައުލީމާއި ސަގާފަތް އުނގަންނައިދޭ މަރުކަޒަކަށް ވެގެންދާނެ ކަމަށާއި، މިތަނުން ރާއްޖޭގެ ތާރީޚީ ތަރިކައާއި ޒަމާނީ އިސްލާމީ ސިފަތައް ފެނިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މިސްކިތުގެ ކޮމްޕްލެކްސްގައި ވަގުފް އިމާރާތްތަކާއި، ވިޔަފާރި އުސޫލުން ބޭނުންކުރާ އިމާރާތްތަކުގެ އިތުރުން ޕާކިންގ ސަރަހައްދެއް ހިމެނޭނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ވަގުފް އިމާރާތްތަކުން ލިބޭ ފައިދާ ބޭނުންކުރާނީ ރާއްޖޭގެ އެކިއެކި އިސްލާމީ ހަރަކާތްތަކަށް ކަމަށެވެ.
މި މިސްކިތް ފަރުމާކޮށްފައިވަނީ އެއްފަހަރާ ގާތްގަނޑަކަށް 10،000 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައާއެކުގައެވެ.



