ރާއްޖޭގެ މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، ގައުމުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި އަދި ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. އަދި ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މިއަދު މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށް މިއަދު ހެނދުނު 9:30 އާ ހަމައަށްވެސް މެޓް އޮފީހުން ވަނީ ވައިޓް އެލާޓެއް ނެރެ، ބޯކޮށް ވާރޭވެހި، ގުގުރައި އަދި ވައިގަދަވާނެ ކަމުގެ އިންޒާރު ދީފައެވެ. މިހާރު ކުރަމުންދާ ވިއްސާރައަކީ މިދިޔަ ބުރާސްފަތި ދުވަހު ފެށުނު ވިއްސާރައެއް ކަމަށާއި، ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް މި ވިއްސާރަ ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެއެވެ.
މި ވިއްސާރައިގެ ސަބަބުން މިހާރުވެސް ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫގެ 70 އަށްވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ވިއްސާރަ ކުރިއަށްދާތީ، އާންމު ރައްޔިތުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ އިރުޝާދު ދީފައެވެ.



