ކީރިތި ރަސޫލާގެ ދިފާއުގައި، ރަސޫލާއަށަ އޮތް ލޯބި ހާމަކޮށްދިނުމަށް މިހަގުތާގެ ބުރާސްފަތި ދުވަހުގެ ރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށަ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނިންމާ އެކަން އިއުލާނުކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ އެޑްވައިޒަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމަށްވީހިނދު މާތް ނަބިއްޔާއަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރުން އެޅި ފިޔަވަޅަކީ އެކަމަށް އަޅަންޖެހޭ ވަރުގެ ވަރުގަދަ ފިޔަވަޅެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އެހެންކަމުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ މިކަމަށް ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ޖަލްސާ އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 20:30 ގައި ކާނިވާ ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް ސިޓީ ކައުންސިލްގެ ހުއްދަ މިހާރު ލިބިފައިވާ ކަމަށް ޑރ.ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ފަސޭހަކަމާއެކު ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި ރަސޫލާއަށް ކުރި ފުރައްސާރައަށް މުސްލިމް ގައުމެއްގެ ހައިސިއްޔަތުން ސުލްހަވެރިކަމާއެކު ޖަވާބުދޭންޖެހޭ ކަމަށެވެ.
ރަސޫލާއަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ހޮނިހިރު ދުވަހު ޒުވާނުން ވަނީ ސައިކަލު ބުރެއްވެސް ބާއްވާފައެވެ. މި ސައިކަލު ބުރުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ޝުއޫރު ފާޅުކުރިއެވެ.