ސަޢޫދީ ޢަރަބިއްޔާގެ ބައެއް ސަރަޙައްދުތަކަށް ޙަމަލާތަކެއް އަމާޒުވެދާނެ ކަމަށް ބުނެ ނެރުނު ސަލާމަތީ އިންޒާރުތަކާ ގުޅިގެން، މިވަގުތު މައްކާގައި ތިބި ޢުމްރާވެރިންގެ ހާލު ރަނގަޅު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާ ގުޅިގެން މައްކާއާއި، ޖިއްދާ އަދި ޠާއިފަށް ޙަމަލާތަކެއް އަމާޒުވެދާނެ ކަމުގެ އިންޒާރުތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.
ޑރ. ޝަހީމް ވިދާޅުވީ، އެ ސަރަޙައްދުތަކަށް ނެރުނު ސަލާމަތީ އިންޒާރުތައް މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށާއި، މައްކާގައި ތިބި ޢުމްރާވެރިންނަށް މިވަގުތު އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އަދި އެ ސަރަޙައްދުތަކުގައި އަޅާފައިވާ ވަގުތީ ސަލާމަތީ ފިޔަވަޅުތައް މިހާރު ނިމުމަކަށް އައިސްފައިވާ ކަން ސަޢޫދީ ޢަރަބިއްޔާގެ ސިވިލް ޑިފެންސް އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި އިންޒާރުތައް ނެރެފައިވަނީ ޙޫޘީން ފޮނުވާލި ބެލިސްޓިކް މިސައިލާއި ޑްރޯން ޙަމަލާތަކެއް ސަޢޫދީގެ ދެކުނު ސަރަޙައްދުތަކަށް އަމާޒުވެ، 13 މީހަކު ޒަޚަމްވެފައި ވަނިކޮށެވެ.
ޙޫޘީން މެދުކެނޑުމެއްނެތި ދެމުންދާ ޙަމަލާތަކުގެ ސަބަބުން، ސަޢޫދީ އަރަބިއްޔާގައި ޢުމްރާވެރިން ބޭނުންކުރާ މުހިންމު ސަރަޙައްދުތަކާއި އިންފްރާސްޓްރަކްޗާގެ ސަލާމަތާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ. މި ކަންކަން ހިނގަމުން މިދަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ތެރޭގައި ސަރަޙައްދުގެ ސަލާމަތާއި ޞުލްޙަ ދެމެހެއްޓުމަށް ޤައުމުތަކުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.



