ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަސާސީ ޤަވާއިދަށް ގެނައި އިޞްލާޙުތައް، މިއަދު ބޭއްވި އެ ޕާޓީގެ އިސް މަޖިލީހުގެ (ޓޮޕް ކައުންސިލް) ފުރަތަމަ ޖަލްސާގައި ފާސްކޮށްފިއެވެ. މި އިޞްލާޙުތައް ފާސްކުރުމާ ގުޅިގެން އިޞްލާޙުކުރެވުނު އަސާސީ ޤަވާއިދު މިހާރު ވަނީ ޢާންމުކޮށްފައެވެ. މި ބަދަލުތަކާއެކު ޕާޓީގެ އެތެރޭގެ އޮނިގަނޑަށާއި މަސްއޫލިއްޔަތުތަކަށް އައު ބަދަލުތަކެއް ވަނީ ގެނެވިފައެވެ.
ޖުމްލަ 1،064 މަންދޫބުން ބައިވެރިވި މި ޖަލްސާގައި ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުޙީ އާދަމް ވަނީ މި ބަދަލުތައް ހުށަހަޅުއްވައިދެއްވާފައެވެ. ފަތުޙީ ވިދާޅުވި ގޮތުގައި މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވަމުން އަންނާތީ، ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކޮށް ހިންގުންތެރިކަން އިތުރުކުރުމެވެ.
މި އިޞްލާޙުތަކުގެ ދަށުން މެންބަރުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އައު ގުނަންތަކާއި ހަރަކާތްތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. މީގެ ތެރޭގައި ޢިލްމުވެރިންގެ މަޖިލީހަކާއި، ކަނބަލުންގެ ގޮފި، ޒުވާނުންގެ ގޮފި އަދި އިސްރަށްވެހިންގެ ހަރަކާތްތައް ހިމެނެއެވެ. ފަތުޙީ ވިދާޅުވި ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ޕާޓީގެ މަސައްކަތްތައް އިތުރު ދާއިރާތަކަށް ފުޅާކުރުމަށް ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ޕާޓީގެ ދާއިރާތަކާއި ސްޓިއަރިންގ ކޮމިޓީތަކުގެ އިސްވެރިންނާއި ނައިބުންގެ މަސްއޫލިއްޔަތުތައް ވެސް ވަނީ ސާފުކޮށް ކަނޑައަޅާފައެވެ.
ހަމައެއާއެކު، އެކި ދާއިރާތަކުން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް 15 ކޮމިޓީއެއް ވަނީ އުފައްދާފައެވެ. އޭގެ ތެރޭގައި އިޤްތިޞާދީ ކަންކަމާއި، ޤައުމީ ސަލާމަތާއި، ޞިއްޙަތާއި، އިޖުތިމާޢީ މައްސަލަތަކުގެ އިތުރުން ސައިންސާއި ޓެކްނޮލޮޖީއަށް ޚާއްޞަ ކޮމިޓީތައް ހިމެނެއެވެ.
ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި، އިޞްލާޙުކުރެވުނު އަސާސީ ޤަވާއިދުގައި ޕާޓީގެ އޮނިގަނޑާއި، އެތެރޭގެ އިންތިޚާބުތަކާއި، ސިޔާސަތުތަކާއި އަދި ހިންގުމުގެ އެހެނިހެން ދާއިރާތަކާ ގުޅޭ ތަފްޞީލީ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ. މިއަދު ފާސްކުރި އިޞްލާޙުތަކަކީ ޕާޓީ އުފެދުނީއްސުރެ އަސާސީ ޤަވާއިދަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ގެނެވުނު ބަދަލުތަކެކެވެ.
ޕީއެންސީގެ އަސާސީ ޤަވާއިދު އެންމެ ފުރަތަމަ ފާސްކޮށްފައިވަނީ 27 ޖެނުއަރީ 2019 ގައެވެ. އޭގެ ފަހުން އެ އަހަރުގެ އޭޕްރީލް 26 ގައި ބޭއްވި ފުރަތަމަ އިސް މަޖިލީހުގައި ބަދަލުތަކެއް ގެނެވުނުއިރު، 2022، 2023 އަދި 2025 ވަނަ އަހަރު ވެސް އިޞްލާޙުތައް ގެނެސްފައިވެއެވެ. މި މަހުގެ 6 ވަނަ ދުވަހު މެންބަރުންގެ މަޖިލީހުން ފާސްކުރި މި އެންމެ ފަހުގެ އިޞްލާޙުތައް މިއަދު އިސް މަޖިލީހުން ރަސްމީކޮށް ބަލައިގެންފައިވާއިރު، ޕީއެންސީން ބުނީ މި ބަދަލުތަކުގެ މަޤްޞަދަކީ ޕާޓީގެ އިދާރީ ހިންގުން ހަރުދަނާކޮށް، ސިޔާސީ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުން ކަމަށެވެ.



