ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަހަތްޕުޅުގައި ސާބިތުވެ ތިބުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މިހާރުން ފެށިގެން މަސައްކަތް ފެށުމަށް އެ ޕާޓީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ގޮވާލައްވައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ޕާޓީގެ ޤައުމީ ތަޞައްވުރު ގުޅިފައިވަނީ ރައީސް މުޢިއްޒާ ކަމަށާއި، ރައީސްގެ ލީޑަރޝިޕްގެ ފަހަތުގައި ސާބިތުވެ ތިބުމަށް ހުރިހާ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ކޮންގްރެސް ނިމުމަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތުގެ ފެށުން ކަމަށެވެ. އަދި ޕާޓީގެ މެންބަރުން އެ މީހުން ނިސްބަތްވާ ދާއިރާތަކަށް އެނބުރިގޮސް ސިޔާސީ މަސައްކަތްތައް ފެށުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެ އިތުރުން، ޕީއެންސީގެ މެންބަރުންނަކީ ޤައުމަށް ޚިދުމަތްކުރުމުގައި އިޚްލާޞްތެރި، ވަފާތެރި އަދި ތެދުވެރި ބަޔަކަށް ވާންޖެހޭނެ ކަމަށާއި، ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދަންވާނީ ރައްޔިތުންނާ ގާތުން ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރައްވާ ގާތުން މަސައްކަތްކުރައްވާ ނަމޫނާއަށް ޕީއެންސީގެ ލީޑަރޝިޕުން ބެލުމަށާއި، ސިޔާސީ ޙަރަކާތްތައް ހިންގުމުގައި ބޮޑާވެރިކަމުން ދުރުހެލިވުމަށް ޢަބްދުއްރަޙީމް މެންބަރުންނަށް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. އަދި ކޮންގްރެސްއަށްފަހު ޕާޓީގެ މިސްރާބު ވަރަށް ސާފުކަމަށާއި، ދާއިރާތަކާއި ސްޓިއަރިންގ ކޮމިޓީތަކުގެ ވެރިން ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް ހީވާގިކަމާއެކު މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ.
ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ރައީސް މުޢިއްޒަށް ވަނީ 2028 ގެ ރިޔާސީ ޓިކެޓް ރަސްމީކޮށް އަރުވާފައެވެ. އެއީ ޕްރައިމަރީއަކާ ނުލައި އެމަނިކުފާނަށް ޓިކެޓް އެރުވުމަށް ކޮންގްރެސްގެ އިއްތިފާޤުން ފާސްކުރި ޤަރާރަކާ ގުޅިގެންނެވެ.



