ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ މައްސަލަތައް ތަހުގީގުކުރާ ޓާސްކް ފޯސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިންގި އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ބޭރު ފައިސާއާއެކު ބަންގްލަދޭޝްގެ ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަތް ފައިސާގެ ތެރޭގައި 174,161 ޔޫއެސް ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 އިނގިރޭސި ޕައުންޑް ހިމެނެއެވެ. މީގެއިތުރުން ޖުމްލަ 18 ގައުމެއްގެ ފައިސާ އެމީހުންގެ އަތުން ވަނީ ފެނިފައެވެ.
މި މީހުންގެ އަތުން އަތުލައިގަތް ބޭރު ފައިސާގެ ޖުމްލަ އަގު 3,861,415.29 ދިވެހި ރުފިޔާ (ތިން މިލިއަން އަށް ލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) އަށް އަރާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ބަންގްލަދޭޝްގެ މި ހަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ބަންގްލަދޭޝްއަށް ދިއުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
މި މައްސަލައާ ގުޅިގެން އެ ހަ މީހުން މިހާރު ފުލުހުންގެ ހައްޔަރުގައި ބައިތިއްބާފައިވާއިރު، ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



