މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ކާމިޔާބީއަށް އެދިވަޑައިގެން، މުދައްރިސުންނާއި ބެލެނިވެރިން ކުރި ބުރަ މަސައްކަތަށާއި ދިން އެއްބާރުލުމަށް ތައުރީފު ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ނައިބު ރައީސް ވަނީ އަމިއްލަ ނަފްސަށް އިތުބާރުކޮށް، އަޒުމު ވަރުގަދަކޮށް، އެދޭ ފަދަ ނަތީޖާއެއް ހާސިލުކުރުމަށް މަސައްކަތް ކުރުމަށް ދަރިވަރުންނަށް ހިތްވަރު ދެއްވާފައެވެ.
މީގެއިތުރުން، އިމްތިހާނުގައި ކާމިޔާބީ މިންވަރުކޮށްދެއްވުން އެދި ދުއާކުރުން އިތުރުކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން، އެމަނިކުފާނު ވަނީ ހުރިހާ ދަރިވަރުންނަށް ވެސް އުޖާލާ އަދި ކާމިޔާބު މުސްތަގުބަލަކަށް އެދިވަޑައިގެންފައެވެ.
މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުން 8,000 އަށް ވުރެ ގިނަ ދަރިވަރުން މިއަހަރުގެ އިމްތިހާނުގައި ބައިވެރިވާއިރު، މުޅި ރާއްޖޭގައި ޖުމްލަ 267 ސެންޓަރެއްގައި އިމްތިހާން ކުރިއަށްދާނެއެވެ.
މިއަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ފަށާފައިވާއިރު، އިމްތިހާނު ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.



