މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން ދިވެއްސަކަށް އެކިވަރުގެ އަނިޔާތައް ވެގެން ފަރުވާދޭން ފަށައިފިއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 21 އަހަރުގެ ފިރިހެނަކަށާއި، 22 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ އަންހެނަކަށެވެ. މި ތިން މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބުމާ ގުޅިގެން ވަނީ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ މެންދަމު 1:12 ހާއިރުއެވެ.
އަނިޔާވި މީހުންގެ ތެރެއިން 26 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާ ދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.
ފުލުހުން ވިދާޅުވީ، އެކްސިޑެންޓްވި އެއް ސައިކަލު ދުއްވަން އިނީ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް 21 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ދަނީ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.



