ދިވެހިރާއްޖޭގެ ޤައުމީ ބަހުގެ ގޮތުގައި ދިވެހިބަހަށް އިސްކަންދިނުމަށް ޤާނޫނުގައި ލާޒިމުކޮށްފައިވާ މާއްދާތަކަށް ފުރިހަމައަށް އަމަލުކުރުމަށް ދިވެހި ބަހުގެ އެކެޑަމީން ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކޮށްފިއެވެ.
އެކެޑަމީން ހާމަކުރި ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ދަށުން، ދައުލަތުގެ މުއައްސަސާތަކާއި އޮފީސްތަކުގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުން ތަންތަނަށް ނަން ދިނުމުގައާއި ނަންބޯޑުތައް ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަންދޭން ޖެހެއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި އާންމުކޮށް ފެންނަން ހުންނަ ބޯޑުތަކުގައި، އެތަނެއްގެ ނަން ސާފުކޮށް ކިޔަން އެނގޭނެހެން ތާނަ އަކުރުން ލިޔެފައި ހުންނަންވާނެ ކަމަށް ވެސް ދިވެހި ބަހުގެ އެކެޑަމީން ވަނީ ފާހަގަކޮށްފައެވެ.
ދިވެހި ބަހުގެ އެކެޑަމީން އިތުރަށް ބުނީ، ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަންކަމަކީ ޤާނޫނީ ގޮތުން ކޮންމެހެން އަދާކުރަންޖެހޭ ޒިންމާތަކެއްގެ ގޮތުގައި ދެކެންޖެހޭނެ ކަމަށެވެ. އަދި ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ޤައުމީ ބަހުގެ ޤާނޫނުގައިވާ ކަންކަން ތަންފީޒުކުރުމަށް އެންމެހައި ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.



