ސަޢޫދީ ޢަރަބިއްޔާއަކީ ދިވެހިރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިފަކުރައްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވަވަމުންނެވެ.
މި މުނާސަބަތާ ގުޅިގެން ރައީސް މުޢިއްޒު ފޮނުއްވި މެސެޖުގައި، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން އަދި ސަޢޫދީގެ ޝާހީ ޢާއިލާއަށާއި ސަރުކާރާއި ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތީ އިސްލާމީ އެއް އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށާއި ތަރައްޤީގެ ދާއިރާއިން ލިބިފައިވާ އެއްބާރުލުން ފާހަގަކުރައްވަމުން، ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އެއްބާރުލުން އިތުރުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ޙައްޖުގެ ޚިދުމަތްތަކާއި ދީނީ ތަޢުލީމުގެ ދާއިރާއިން ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށް އަމާޒުކޮށް ހިންގާ ބޮޑެތި މަޝްރޫޢުތަކަށް ސަޢޫދީން ދޭ މާލީ އެހީތެރިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒުގެ މެސެޖު ނިންމަވާލައްވާފައިވަނީ ސަޢޫދީ ޢަރަބިއްޔާއަށް ދެމެހެއްޓެނިވި ޞުލްޙަޔާއި ކުރިއެރުމާއި ތަނަވަސްކަމަށް އެދިވަޑައިގަންނަވަމުންނެވެ.



